ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބަނޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ ކުރިއަށްދާ އަހާ ފޯރަމުގައި ބަންޑާރަ ނައިބުގެ މައްޗަށް ކުރެވޭ މި ތުހުމަތާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މީސްމީޑިއާގައި ބައެއް ފަރާތްތަކުން އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުސުޢޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު ކުރައްވާފައެވެ.
މި ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
”ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާފައި ހުންނަވާނީ އެ ބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނަވާނީވެސް އެ ބޭފުޅާ. އަޅުގަނޑު ވަރަށް ޔަޤީންކަމާއެކު މިދަންނަވަނީ. އެއްވެސް ޒަމާނެއްގައި ތަހުޤީޤެއް ކުރައްވައިފިއްޔާ އަޅުގަނޑަށް ޖަވާބުދާރީ ވެވޭނެ.“ ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މީގެއިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުރައްވާފައިވާ ތުހުމަތުތަކަށްވެސް ބަންޑާރަ ނައިބު ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ.
އެގޮތުން، އެ ތުހުމަތު އަމާޒުވީ އެމަނިކުފާނުގެ ރައްޓެއްސަކާއި ދެކެވުނު ވާހަކައެއްގެ އަސްލު އޮޅުވާލައިގެން ކަމަށް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު އިތުރަށް ވިދާޅުވީ، މި ތުހުމަތުތައް އަމާޒުވާން ފެށީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ދިމާވެ ބަލަން ފެށުމަށްފަހު ކަމަށާއި، މިއިން އެއްވެސް ފަރާތަކުން ކުރާ ތުހުމަތަކީ ހަޤީޤަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.




