ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ ޝަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީ ގެ މައްޗަށް ދައުވާކޮށް ޝަރީއަތަށް ހުށަހަޅާފައިވާ ޓެކުމުގެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ވެސް އިއްޔެ ދަމަހައްޓައިފިއެވެ.
މިމައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ހުޅުވާލައިގެން ”ޕޮންޒީ“ ގެ ނަމުގައި އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާއި ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
އެގޮތުން މި މައްސަލައިގައި 13 މީހަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.
ދައުލަތުން އުފުލާފައިވާ މި މައްސަލައާ ގުޅިގެން އަލްހާން އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ވެސް ކޮއްފައިވަނީ ޓެކުމުގެ ކުށުގެ 13 ދައުވާ އެކެވެ. އެ ދައުވާތައް މުރާޖާކޮށްދިނުމަށް މީގެ ކުރިން ވަނީ އެދިފައެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ނިންމެވީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
އަލްހާނުގެ 3 ބެއިންގެ ފަރާތުން ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރިއެވެ.
އެގޮތުން އަލްހާންމެންގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ:
° ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާާއާ ހަވާލާދީ، ޖިނާއީ ކުށެއް ވިޔަކަސް ކުންފުންޏަކުން ކުށްކުރާ ހާލަތުގައި ދައުވާ ކުރަން ޖެހޭނީ ކުންފުންޏަކަށް
° ކުންފުނިން ކުށުގެ ޒިންމާ އުފުލަން ޖެހޭ ގޮތަށް ގާނޫނުލްއުގޫބާތުގައި ވެސް ކުންފުންޏަށް ދައުވާކުރެވެން އެބަ އޮވޭ؛ ބޭނުމަކީ ކުންފުނި ކުށަށް ޒިންމާ ކުރުވުން
° މީގެ ކުރިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި ސަންގެ ކުންފުނިތަކަކަށް ދައުވާކުރި ކަމާއި އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލައެއްގައި އަމީން އެވެނިއު ކުންފުނީގެ މައްޗަށް ދައުވާ އުފުލިކަން
° ކުންފުނީގެ ބިތުފަންގި ނެގޭ ގޮތަށް ފަރުދީ ގޮތުން ޒިންމާކުރުވަން ޖެހެނީ ޑިރެކްޓަރުން؛ އަލްހާނަކީ މެނޭޖިން ޑިރެކްޓަރަކަށް ވިޔަސް ދައުވާ ކުރި ސަބަބުގައި އޮންނަނީ ހިއްސާދާރާކަށް ވާތީ
ހައިކޯޓުން މިމައްސަލައާ ގުޅޭގޮތުން އިއްޔެ ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.
މީގެއިތުރުން މައްސަލަ ނުބެލޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާތަކާ މެދު ގޮތެއް ނިންމޭނީ މައުލޫއީ ގޮތުން މުޅި މައްސަލަ ބެލުމަށް ފަހު ކަމަށާއި ނިންމި ނިންމުމުގައި ގޯހެއް ނެތް ކަމަށް ހައިކޯޓުގެ އަމުރުގައިވެއެވެ.



