ގަވާއިދާ ޚިލާފަށް ބަނގުލަދޭޝްގެ ރައްޔިތުން ދިވެހިރާއްޖެއަށް ގެނައުމުގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ޝަހާދަތު ހޮސެއިންނާއި ސަރުކާރުގެ އެއްވެސް މިނިސްޓަރަކާ ގުޅުމެއް އޮތް ކަމަކަށް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުންނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ރަޖިސްޓްރީކުރެވި، ތަޙުޤީޤުކުރެވެމުންދާ މައްސަލައެކެވެ.
މި މައްސަލައިގައި ގިނަ ހެކިތަކެއް ހޯދިފައިވާ ކަމަށާއި، މިހާރު ވަނީ ތަޙުޤީޤު ނިންމައި، ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ.
ތަޙުޤީޤުން ހާމަވެފައިވާ ގޮތުގައި ޝަހާދަތު ވަނީ 2004 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ޖުމްލަ ހަތަރު ވޯކް ޕާމިޓެއްގައި ދިވެހިރާއްޖޭގައި އުޅެފައެވެ. އޭނާގެ އިލެކްޓްރޯނިކް ވަސީލަތްތަކުން ގިނަ އަދަދެއްގެ ކުންފުނިތަކުގެ ރަޖިސްޓްރީތަކާއި، ލޯގޯ ސްޓޭމްޕްތަކާއި އަދި އެކި ފަރާތްތަކުގެ ސޮއިތައް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
ޝަހާދަތު 2019 ވަނަ އަހަރު މާލެ އައުމަށްފަހު، ބޭންކް އޮފް މޯލްޑިވްސްގައި ޖުމްލަ ހަ އެކައުންޓް ހުޅުވާފައިވެއެވެ. މީގެ ތެރޭގައި ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޔޫއެސް ޑޮލަރުގެ ތިން އެކައުންޓް ހިމެނެއެވެ. އޭނާ ދިރިއުޅެމުން އަންނަނީ މަހަކު 18,000 ރުފިޔާއަށް ކުއްޔަށް ހިފާފައިވާ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ.
ތަޙުޤީޤަށް ފެނިފައިވާ ހެކިތަކުގެ ތެރޭގައި ވޯކް ޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމަންޓްތަކާއި، ބިދޭސީންގެ ޕާސްޕޯޓްތަކާއި، ބައެއް ދިވެހިންގެ އައިޑީ ކާޑު ފޮޓޯތަކާއި، ވޯކް ޕާމިޓް ސައިޓްތަކަށް ވަދެފައިވާ ކަމުގެ ވެބް ހިސްޓްރީ ހިމެނެއެވެ.
މި ހުރިހާ ހެއްކެއް ފެނިފައިވުމުން، ޝަހާދަތު ޙުސައިން އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖެއަށް ބިދޭސީން އެތެރެކޮށް، އެކަމުން މާލީ މަންފާ ހޯދާ ފަރާތެއްކަން ތަޙުޤީޤަށް ހާމަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




