ދ.ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށާފައިވާ މަސައްކަތްތައް ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް އެކުންފުނިން ބުނެފިއެވެ.
އާރުޑިސީން ވަނީ ކުދަހުވަދޫ މަގުތައް ތަރައްޤީކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އެކްސްގައި ހިއްސާކޮށްފައެވެ.
މިގޮތުން އެރަށު އޯކިޑް މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި މަގު ލެވެލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ.
އާރުޑިސީން ވަނީ މީގެ ކުރިން އެރަށު ދޮށިމޭނާ މަގުގައި ސްޓޯމް ވޯޓާ ލައިން އެޅުމުގެ މަސައްކަތްކޮށްފައެވެ. އަދި ސްޓޯމް ވޯޓާ ޓޭންކް ބެހެއްޓުމުގެ މަސައްކަތްތައް ވެސް ވަނީ ކޮށްފައެވެ.
އާރުޑީސީން ދަނީ ރަށްރަށުގެ ހުއްޓިފައިވާ މަގުތައް ހެދުމުގެ މަސައްކަތާއި ނަރުދަމާގެ މަސައްކަތްތައް ކުރަމުންނެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ގިނަ އަދަދެއްގެ ރަށްރަށުގެ އުމްރާނީ މަސައްކަތްތައް ހުއްޓިފައިވާއިރު، ސަރުކާރުން މިހާރު ގެންދަނީ ހުއްޓިފައިހުރި ގިނަ މަޝްރޫޢުތަކުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ.




