މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ހާޒިރުކުރުމަށް އެޖެންޑާކޮށްފިއެވެ.
މި ޖަލްސާގައި މިނިސްޓަރާއި ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ.
މެންބަރު އިބްރާހިމް ވަޒީރާ ކުރައްވަން ހުށަހަޅުއްވާފައިވާ ސުވާލުތަކުގެ ތެރޭގައި ”އޮޅު ހިޔާ“ ހުޅުވުމަށްފަހުވެސް މިހާތަނަށް އެއްވެސް ބުޅަލަކަށް ހިޔާވަހިކަން ދީފައިނުވާ ސަބަބާއި، އެތަން ހުޅުވުނުއިރު މުވައްޒަފުންނާއި ސާމާނު ފުރިހަމަވެފައިވޭތޯ އާއި، މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ގެންދިއުމުގެ މަސައްކަތް ނިންމޭނެ މުއްދަތު ހިމެނެއެވެ.
އެހެންނަމަވެސް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން މީގެ އެއް މަސް ކުރިން ބުނެފައިވާ ގޮތުގައި މިހާރުވެސް ”އޮޅު ހިޔާ“ ގައި 30 ބުޅާ ބަލަހައްޓަމުން ގެންދެއެވެ.
”އޮޅު ހިޔާ“ އަކީ މިހާރުގެ ސަރުކާރުން މާލޭގެ މަގުތަކުގައި އިތުރުވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޒަމާނީ ފެންވަރުގައި ތަރައްޤީކޮށްފައިވާ މަރުކަޒެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓް ކެއަރގެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.
މި މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު ފެށިގެން އައި މަޝްރޫއެކެވެ.
ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބުމުގެ ސަބަބުން މަޝްރޫޢު ކުރިއަށް ގެންދެވިފައިނުވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.



