މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މި ސަރުކާރުގެ ފަރާތުން ހެދި ”އޮޅުހިޔާ“ ފެސިލިޓީ ރަނގަޅަށް ހިނގައިގަންނަން ފެށުމުން، އެތަން ހިންގަން އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި ހަދާފައިވާ ބުޅާ ފެސިލިޓީއާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން އޮޅުހިޔާ އޭގެ ފުލް އޮކިއުޕަންސީގައި ހިންގާނެ އިރު ދާނެ ޚަރަދާ ގުޅޭ ގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ފެސިލިޓީ ހިނގައިގަތުމަށް ނޮން-ރިކަރެންޓް ޚަރަދުގެ ގޮތުގައި އެ ތަނަށް 1.8 ބިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށެވެ.
އަދި، ފެސިލިޓީއަށް ބުޅާތައް ގެނެސް 2،000 ބުޅާ އެ ފެސިލިޓީ އަށް ލައިގެން ހިންގާ ނަމަ މަހަކު ހަތް ލައްކަ ރުފިޔާ އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް ވެސް އެނިމަލް ވެލްފެއަރ މިނިސްޓަރު ވިދާޅުވި އެވެ.
”އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން މަހަކު 368 ރުފިޔާ (ބުޅަލަކަށް) ޚަރަދުވާނެ“ މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، އެ މިނިސްޓްރީން އޮޅުހިޔާއާ ހަވާލުވިއިރު، އެ ތަން އޮތީ ރައްކާތެރިކަމާއެކު ބުޅާ ގެންގުޅެވޭނެ ހާލަތެއްގައެއް ނޫނެވެ. އެކަމަކު، އެ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.




