ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އިންޑިޔާގައި ބޮޑު ރޯޑް ޝޯއެއް ފަށައިފިއެވެ.
ޓާޓާބައި މޯލްޑިވްސް ރޯޑް ޝޯގެ ނަމުގައި ބާއްވާ މި ޝޯ، މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ އެންޑޯޒްކޮށްފައެވެ.
މި ރޯޑް ޝޯއަކީ ޓާޓާބައި މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޝޯއެކެވެ. މި ރޯޑް ޝޯ އިންޑިއާގެ ހަތަރު ސިޓީއެއްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
އެގޮތުން މި ރޯޑް ޝޯގެ އަމާޒަކީ، މަތީ ފަންތީގެ ޚިދުމަތްތައް ލިބޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުން ކަމުގައި އެމްއެމްޕީއާރްސީން ވަނީ މައުލޫމާތު ދީފައެވެ.
ޓާޓާބައި މޯލްޑިވްސް ރޯޑް ޝޯ ކުރިއަށްދާނީ މިމަހުގެ 12 އިން 16 އަށް އިންޑިއާގެ ހަތަރު ސިޓީއެއްގައެވެ. އެގޮތުން، މިމަހުގެ 12 ވަނަ ދުވަހު ކޮޗިންގައި ރޯޑް ޝޯ ބާއްވާފައިވާއިރު، 13 ވަނަ ދުވަހު ކޮއިމްބަތޫރު ގައި ވަނީ މި ރޯޑް ޝޯ ބާއްވާފައެވެ. އަދި މިމަހުގެ 15 ވަނަ ދުވަހު ހައިދަރުއާބާދުގައި ރޯޑް ޝޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ 16 ވަނަ ދުވަހު ބެންގަލޫރުގައި ރޯޑް ޝޯ ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިއިން ކޮންމެ ރޯޑްޝޯއަކަށްވެސް 100އަށްވުރެ ގިނަ އެޖެންޓުންނަށް ދަޢުވަތުދީ، ރާއްޖޭގެ މަޝްހޫރު 22 ޕްރޮޕަޓީ މަންދޫބުންނާ މުޢާމަލާތްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.




