ޔަހޫދީ އިޒްރޭލުން ފާއިތުވީ 24 ގަޑިއިރު ތެރޭގައި ޣައްޒާއިން 84 މީހުން ޝަހީދު ކޮށްލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓު ކުރި ގޮތުގައި، އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ކުރިއަށް ގެންދިޔަ ނަމަވެސް، ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ދިނުން ހުއްޓާލުމުގެ ނުރަސްމީ މަޝްވަރާތަކެއް ޤަތަރާއެކު ދަނީ ކުރަމުންނެވެ.
ޣައްޒާގައި މަސައްކަތް ކުރާ ސިއްޙީ ޚިދުމަތްތެރިން މައުލޫމާތު ދިން ގޮތުގައި އިއްޔެ ހެނދުނު އުތުރު ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ވެސް ގާތްގަނޑަކަށް 50 މީހުން އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި ދެކުނު ޚާން ޔޫނިސް ސިޓީއަަށް ދިން ހަމަލާގައި 10 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.
ޖަބާލިއާއަށް ދިން ވައިގެ ހަނގުރާމައިގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ގިނައިން ނަގަން ޖެހުނީ ކުޑަކުދިންގެ ހަށިގަނޑުތައް ކަމުގައި ރެސްކިޔު ވޯކަރުން ވަނީ ބުނެފައެވެ.
ޔަހޫދީން ޣައްޒާއަށް ދެމުންގެންދަނީ ސިސްޓަމެޓިކް ހަމަލާތަކެއް ކަމަށާއި އެމީހުންގެ ހަމަލާތަކުގެ ޕެޓަރން ދިރާސާ ކުރުމަށްފަހު، ސާފުވާ އެއްކަމަކީ، އިޒްރޭލުން ފުރަތަމަ އަމާޒުކޮށްފައިވަނީ ޣައްޒާގެ ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށް ހުސްކޮށްލުން ކަމުގައި، ހަނގުރާމަތައް ދިރާސާކުރުމުގެ ތަޖުރިބާކާރު އޮފިސަރުން ހާމަކޮށްފައިވެއެވެ.



