މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ އިތުބާރު ނެތްކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންގެ ސޮޔާއެކު، މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މާރިޗް މަހުގެ ފަހުކޮޅެވެ.
މަޖިލިސް ޖަލްސާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރު 1:30 ގައެވެ.
އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކު، މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ވަޒީރުންގެ މަޖިލިހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ހިނގައިގެން އުޅޭ ހާދިސާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އަމީން އާ އާއިލީ ގޮތުން ގުޅުންހުރި ދެ މީހަކު ހިމެނޭކަން މިނިސްޓަރުގެ އަމިއްލަ ބަހުން ވެސް އެނގި ހާމަވެފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.




