ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެސްލާ އެއްގައި ޓެކްސީ ކުރަން އިއްޔެ ފަށައިފިއެވެ.
އެ ކާރުގައި އިއްޔެ ފުރަތަމަ ދަތުރުކޮށްފައިވަނީ ދައުލަތުގެ މީޑިއާގެ ނޫސްވެރިޔާ ހުސެއިން ފަރިޔާޒް އެވެ. އޭނާ އާންމުކުރި ވީޑިއޯ އެއްގައި ބުނެފައިވަނީ، ރާއްޖޭގައި ފުރަތަމަ ޓެކްސީ ކުރާ ޓެސްލާ ކާރުން ދަތުރު ކުރުމުގެ ފުރުސަތު ”އަވަސް ރައިޑް“ އެޕް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
ފަރިޔާޒް އާންމު ކުރި އެ ވީޑިއޯގައި އޭނާއާއެކު އެ ކާރުގެ ވެރިމީހާ ވެސް ފެނިގެން ދެއެވެ. އެއީ މި ދާއިރާގައި 25 ވަރަކަށް އަހަރު ވަންދެން މަސައްކަތް ކުރަމުން އަންނަ، ހއ. ތަކަންދުއަށް އުފަން އަލީ ޒަމީރެވެ.
ޓެސްލާ ކާރުގައި ދަތުރު ކުރުމަށް ކުރީބައިގައި ބުކިން ހަދަން ބޭނުންވާ ކަމުގައިވާނަމަ އެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށާއި އެގޮތަށް ކުރެވޭ ދަތުރުގެ އަގު ކަނޑައަޅަނީ ދެފަރާތުން އެއްބަސްވެވޭ ގޮތަކަށް ކަމަށް ވެސް ފަރިޔާޒް އާންމުކުރި ވީޑިއޯގައި ބުނެފައިވެއެވެ.
ފަރިޔާޒް އިތުރަށް ބުނީ، ޓެސްލާ ކާރުން ޓެކްސީ ކޮށްދެނީ ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ޓެކްސީ ކުރަން ފަށާފައިވާ މި ޓެސްލާ ކާރަކީ ދިރާގުން ކުރިއަށް ގެންދިޔަ ”ވިން އަ ޓެސްލާ“ ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ލިބުނު ކާރެވެ. އޭނާ އެ ކާރު 8 ލައްކަ ރުފިޔާއަށް ވިއްކާލުމުން، މިހާރު އެ ޓެސްލާގައި ޓެކްސީ ކުރަނީ އެ ކާރު ގަތް ފަރާތުންނެވެ.
މި ކާރަކީ ޓެސްލާގެ ”މޮޑެލް3“ ގެ ކާރެކެވެ. ތިމާވެއްޓާއި ރައްޓެހި، އެންމެ ޒަމާނީ އިލެކްޓްރިކް މި ކާރު ދުއްވާފައިދާއިރު އަޑު މަޑުވެފައި، ސީޓުތައް ވެސް އެހާމެ އަރާމެވެ. އަދި ޓެކްސީގެ އެތެރޭގައި ތިބޭއިރު، މަތި އޮންނަނީ ރީތިކޮށް ފެންނާށެވެ. އެއީ މި ކާރުގެ ރޫފް ހަދާފައި ހުންނަނީ ބިއްލޫރިން ކަމަށްވާތީއެވެ.



