އިމާރާތެއްގެ ފުރާޅުމައްޗަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ ރައުދު އަހްމަދު ޒިލާލް (21އ.) ގެ ބަންދަށް އިތުރު 20 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި ހާދިސާގައި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައިވަނީ ހައްވާ ޔުމްނު ރަޝީދު (21އ.) އެވެ. އޭނާ ވެއްޓުނީ އެގެއާ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ވެއްޓުމުގެ ކުރިން ރައުދު އާއެކު ފެންޓެނޯއީ ގޭގެ ސިޑިމައްޗާއި ސިޑި ގޮޅީގައި އުޅުނު މަންޒަރުތަކެއް ދައްކުވައިދޭ ސީސީޓީވީ ފުޓެޖްތަކެއް ވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. އޭނާގެ ބަންދަށް ފުރަތަމަ ފަސް ދުވަސް ޖެހުމަށްފަހު، އެ މުއްދަތު ހަމަވުމުން އިތުރު 10 ދުވަހަށް ބަންދު ކުރަން އަމުރު ކުރިއެވެ. އަދި މިއަދު އެ 10 ދުވަހުގެ މުއްދަތު ވެސް ހަމަވުމުން، ކޯޓުން ވަނީ އިތުރު 20 ދުވަހަށް އޭނާ ބަންދު ކުރަން އަމުރު ކޮށްފައެވެ.



