ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ބިލު މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު ގެނެސްދެއްވާ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތައް ތަންފީޒުކުރަން މަސައްކަތް ކުރާއިރު ޑިމޮކްރެސީގެ ހަމަތަކާއި ރައްޔިތުންގެ ބާރުވެރިކަން އަދި ޤާނޫނީ ވެރިކަމުގެ ދެފުށް ފެންނަ ނިޒާމެއް ގޮތުގައި ފުރިހަމަ ކުރަންޖެހޭ ކަމަށާއި ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްވެގެން އައިތާ ގިނަދުވަސްތަކެއް ވީނަމަވެސް އަދިވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އަޅަންޖެހޭ ކަމަށެވެ. އަދި މިފަދަ ކަންކަން ރާއްޖޭގައި ހުންނަންވާނީ އެންމެ އެކަށީގެންވާ ގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދެމެދު އޮންނަނީ 6 މަސް ދުވަހުގެ ތަފާތެއްކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންނަނަށް އެންމެ ފައިދާހުރިގޮތަކަށްވާނީ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުއެކީގައި ބޭއްވުން ކަމަށެވެ.
އެހެންނަމަވެސް އެނިންމުން އެމަނިކުފާނު އަމިއްލަފުޅަށް ނުނިންމަވާނެކަމަށާއި އަކަން ނިންމަވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާއެކު ރައްޔިތުންގެ މަޝްވަރާއާއެކުގައިކަމަށް ރައީސް ވިދާޅުވިއެވެ.
”ރައްޔިތުންގެ ކިބައިން އަހައިގެން ގޮތެއް ނިންމާނީ. ނިންމެން އޮތަސް އަޅުގަނޑު ވަކި ގޮތެއް ނުނިންމާނަން. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކިއެކީގައި ބޭއްވުމުން ރައްޔިތުންނަށް ފައިދާކުރާނެކަމަށް.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބު ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު ކަނޑައެޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެކަންވެސް ކުރައްވާނީ ރައްޔިތުންގެ މަޝްވަރާއާއެކުކަމަށް ވިދާޅުވެފައެވެ.



