މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމްބީއެސް) ”އޮރެންޖު ހިޔާ“ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.
ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ސިފައިންނާ މުޚާޠަބުކުރައްވައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސިފައިންނަކީ ގައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއްކަމާއި، ސިފައިންނާ ހަވާލުކުރައްވާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށް ޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބިކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ފުރިހަމަނުކުރެވި ލަސްވަމުން ގޮސް، ތެލެސީމިއާ ކުދިންނަށް ލޭއެޅުމުގެ ކަންކަން ވަރަށް ސީރިއަސް ޙާލަތަކަށް ދިއުމުން، ވީހާވެސް އަވަހަކަށް، ވީހާވެސް ފުރިހަމަކޮށް، އެކުދިންނަށްޓަކައި އޮރެންޖު ހިޔާގައި މޯލްޑިވްސް ބްލަޑް ސަރވިސަސް ގާއިމްކުރެއްވުމަށް ބޭނުންފުޅުވާތީ، އެ މަސައްކަތް ސިފައިންނާއި ޙަވާލުކުރެއްވީކަމުގައި ވިދާޅުވިއެވެ. މި މަސައްކަތް ސިފައިން ކުރިއަށް ގެންދިޔައިރު، ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން މިކަމުގައި ފެނިގެން ދިޔަކަމާއި، އެތަން ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާ އެކުކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސް މުޢިއްޒު ވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސް ”އޮރެންޖު ހިޔާ“ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ދިވެހި ސިފައިންނަށް އަރުވާފައެވެ. އެމްއެންޑީއެފްގެ ފަރާތުން މި ފިލައާ ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑަރުންނާއި އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ބައިވެރިވިއެވެ.




