ކީރިތި ޤުރްއާން ޤަބޫލުކުރިއަސް ރަސޫލާ ﷺ ގެ ސުންނަތް ޤަބޫލުނުކުރާނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމައެއް ނުވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
”އިސްލާމީ ޝަރީޢަތުގައި ސުންނަތުގެ މަޤާމު“ މި މައުޟޫޢުގެ މައްޗަށް މިއަދު ދިން ހުތުބާގައި ބުނީ، މާތް ﷲއަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ ﷺ އަށް ކިޔަމަންވުމަށް، ކީރިތި ޤުރްއާނުގައި އެކަލާނގެވަނީ އަމުރުކުރައްވާފައި ކަމަށެވެ.
އަދި އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާﷺ އަށް ކިޔަމަންނުވުމުން މުއުމިނުން ކުރާ ހެޔޮ ޢަމަލުތައް ބާޠިލުވާނޭކަން ވެސް ވަނީ އަންގަވާފައި ކަމަށް ހުތުބާގައި ބުންޏެވެ.
އިސްލާމްދީނަކީ މާތްﷲ އިންސާނުންނަށް ޚިޔާރުކުރެއްވި ދީން ކަމަށާއި، މި ދީން އައިސްފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު ﷺ މެދުވެރިކުރައްވާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނިގޮތުގައި އިސްލާމްދީން އެކުލެވިގެންވަނީ ދެ މައިގަނޑު މަސްދަރެއްގެ މައްޗަށެވެ. އެއީ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާﷺ ގެ ސުންނަތް ކަމަށް
އެގޮތުން މާތްﷲ އަށް ކިޔަމަންތެރިވުމާއެކު ރަސޫލާﷺ އަށް ކިޔަމަންތެރިވުމަކީ ލާޒިމުކަމެއް ކަަމށާއި ރަސޫލާﷺ އަށް ކިޔަމަންނުވާ މީހާއަކީ މާތްﷲ އަށް ކިޔަމަންތެރިވާ މީހެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނިގޮތުގައި ޝައްކެތްނެތް ގޮތުގައި މާތް ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވައިފައިވަނީ އަހަރެމެންނަށް ސީދާ މަގަށް މަގު ދެއްކެވުމަށެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ކަށަވަރެވެ. ދިރިއުޅުމުގެ ހުރިހައި ކަމެއްގައިވެސް އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަންނާން ޖެހެއެވެ.
ނަމާދު، ޙައްޖު ފަދަ އަޅުކަންތައް އަދާކުރަންވީ ގޮތް އެނގެނީ ހަމައެކަނި ސުންނަތުންނެވެ. އެހެނީ ޤުރްއާނުގައި މި އަޅުކަންތައް އަދާކުރަންވީ ގޮތުގެ ތަފްސީލު ނާދެއެވެ.
އެހެންކަމުން ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މުހިންމު މަސްދަރެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ.



