މުޖުތަމައުގައި ހުރި ތަފާތުތަކާއި ތަފާތު ވިސްނުންތަކަކީ ގައުމުގެ ތަރައްޤީއަށް ލިބޭ ބާރެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ސުލްހައާއި އަމާންކަމާއެކު ގުޅިގެން ދިރިއުޅުމުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރިއަށްވުރެ ބޮޑަށް މިހާރު އެންމެން ގުޅިގެން މުޖުތަމައުގައި އެންމެން ވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގާއިމުކޮށް، އަމާންކަމާއެކު ކުރިއެރުމުގެ މަގު ފަހިކުރަންޖެހޭ ކަމަށެވެ.
”އަޅުގަނޑުމެން އެންމެން އެކުވެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމުކުރުމަށްޓަކައި، ކުރިއަށްވުރެ ބޮޑަށް އެކުވެރިވެ، އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން ޖެހޭ“ ރައީސް ވިދާޅުވިއެވެ.
އަދި މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަކަމާއެކު ކުރިއެރުމާއި ތަރައްޤީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސުލްހައާއި އަމާންކަމާއެކު ގުޅިގެން ދިރިއުޅުމުގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އެކި މިޒާޖުތަކުގެ މީހުން އުޅޭކަން ގަބޫލުކޮށް، އެހެން މީހުންނަށް އިހުތިރާމްކޮށް، ބަލައިގަނެ، އެމީހުންގެ ވާހަކަތައް އަޑުއަހައި އެއްބައިވަންތަކަމާއެކު ދިރިއުޅުމުގެ މުހިންމުކަން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުން ކަމަށެވެ.
މި ދުވަހުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ، މިއަދަކީ އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކުވެރިކަމާއެކު ކުރިއަށް ދިއުމަށް އަޒުމް އާކުރާނެ ދުވަހެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށެވެ.




