އެމެރިކާގެ ކޮލެޖެއްގެ ޕްރޮފެސަރަކު ކިޔަވާދޭއިރު ޗެޓްޖީޕީޓީ ބޭނުން ކުރާކަން އެނގުމުން، ދަރިވަރަކު އޭނާގެ ކޮލެޖު ފީ އަނބުރާދޭން ބުނެފިއެވެ.
ދަ ނިއުޔޯކް ޓައިމްސްގައި ޝާއިއު ކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ، ނޯތު އީސްޓަން ޔުނިވަރސިޓީގައި ކިޔަވަމުންދާ އެމާ ސްޓޭޕްލްޓޮން ނަމަކަށް ކިޔައި އެ ދަރިވަރު ވަނީ، އޭނާގެ ބިޒްނަސް ޕްރޮފެސަރާ ދެކޮޅަށް ރަސްމީކޮށް ޝަކުވާއެއް ހުށަހަޅާފައި ކަމަށެވެ.
އެމާ އޭނާގެ ޝަކުވާގައި ބުނެފައިވަނީ، ކްލާހުގައި ކިޔަވައިދެމުން އޭނާގެ ޕްރޮފެސަރު ބޭނުންކޮށްފައިވާ ބަސްތަކާއި ފޮޓޯތަކަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ޕްރޮފެސަރު ނެގި މައުލޫމާތުތަކެއް ކަމަށް ޝައްކު ކުރެވުނު ކަމަށާއި އެހެންކަމުން އޭނާ އެކަން ޗެކް ކުރި ކަމަށެވެ. އަދި ޗެކް ކުރި ފަހުން، ޕްރޮފެސަރު ބޭނުންކުރީ ސީދާ ޗެޓް ޖީޕީޓީގައި ހުރި މައުލޫމާތުކަން އެނގިފައިވާ ކަމަށް ވެސް އެމާ ބުނެފައިވެއެވެ.
އެ ކޮލެޖުން ނަގަމުން ދިޔަ ފީ ބޮޑުއިރު އެމާގެ ޓެސްޓުތަކުގެ ނަތީޖާ ރަނގަޅު ނުވަނީ އެތަނުން ކިޔަވައިދިނުމުގެ ފެންވަރުގެ ސަބަބުން ކަމަށް، އެ ޔުނިވަރސިޓީއާ ދެކޮޅަށް އެމާ ހުށަހަޅާފައިވާ ޝަކުވާގައި ބުނެފައިވެއެވެ. އަދި ޕްރޮފެސަރު ކިޔަވައިދޭ ގޮތާމެދު ހިތްހަމަ ނެޖުހޭކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
މީގެއިތުރުން ދަރިވަރުން ގާތު ޗެޓް ޖީޕީޓީ ބޭނުން ނުކުރަން ބުނުމަށްފަހު، ޕްރޮފެސަރު އަމިއްލައަށް އޭއައި ބޭނުންކުރާކަން އެމާ ފާހަގަކުރިއެވެ. އަދި މިއީ އެ ޕްރޮފެސަރު ކުރާކަންކަން އެންމެންނަށް އެނގިދާނެތީ ކުރިން ބުނެފައިވާ އެއްޗެއްކަމަށް އެމާ ވަނީ މިހާރު ޝައްކު ކޮށްފައެވެ.
އެ ކޮލެޖުގެ ފީ އަކީ އަހަރަކަށް ޖުމްލަ 8000 އެމެރިކާ ޑޮލަރެވެ. އެމާ ވަނީ އެ ފައިސާ އޭނާއަށް އަނބުރާ ދިނުމަށް އެދިފައެވެ.




