މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ކުރިއެރުމުގެ ބޭނުން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދަކީ މުވާސަލާތާއި މައުލޫމާތު އެއްކުރުމުގެ ދުވަސް ކަމުގައިވާތީ، މިދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރު ކުރުމަށް ކަމަށާއި ޤައުމަށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް ކަމަށެވެ.
”ތަރައްޤީއާއި މުސްތަޤްބަލަށް މުހިންމު މި ޚިދުމަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ (މުވާޞަލާތީ އަދި މައުލޫމާތު އެއްކުރުމުގެ) ދުވަހެވެ. މިދުވަސް ފާހަގަ ކުރަނީ ޓެލެކޮމިއުނިކޭޝަންގެ މުހިންމުކަމާ ގުޅޭގޮތުން މުޖުތަމަޢު އިތުރަށް ހޭލުންތެރި ކުރުމުގެ ގޮތުންނާއި އޭގެން އިޤްތިޞާދަށް ވެސް ކުރާނެ ފައިދާތައް އަންގައި ދިނުމުގެ ގޮތުންނެވެ.



