ދިވެހި ރާއްޖޭގެ ޖުޑީޝަރީއާ ގުޅޭ ގޮތުން، އިދިކޮޅު ފަރާތްތަކުންނާއި އެ ފަރާތްތަކާ ގުޅިގެން ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާއަކުން ވެސް ހަގީގަތަށް ވާހަކަ ދައްކަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު މިއަދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރު މިހެން ވިދާޅުވެފައިމިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމާ ގުޅިގެން ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުންނާއި އަވައްޓެރި ބައެއް ގައުމުތަކުގެ ވަކީލުންގެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޚަލީލު ވިދާޅުވީ ދެ ފަނޑިޔާރުން ވަކިކުރީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ފަނޑިޔާރުން ވަކިކުރުމަށް ހިނގާ ކަންކަން ވެސް ހިމެނޭހެން ޖުޑީޝަރީގެ އެއްވެސް ކަމެއްގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށްމެވެ.
”އުއްމީދަކީ އަދި އެދޭނީ އިދިކޮޅުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅިވަޑައިގެން، ހަގީގަތުގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުން“ ކޮމަންވެލްތުގެ އިސް ބޭފުޅުންތަކެއް ވެސް ޓެގް ކުރެއްވުމަށްފަހު އިނގިރޭސި ބަހުން ލިޔުއްވާފައިވާ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހެޅުއްވީ، އެ ދެ ފަނޑިޔާރުންގެ ވެސް ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ. އަދި މަޖިލިހުގެ ޖުޑީޝަލް ސާވިސް ކޮމިޓީން އެމައްސަލަ ބަލައި، މަގާމުން އެ ބޭފުޅުން ވަކި ކުރެއްވީ މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައެވެ.


