ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓްއޮފީހުން) ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، މާދަަމައިން ފެށިގެން އަންނަ އަންގާރަ ދުވަހަށް ރާއްޖޭގެ އެކި ހިސާބުތަަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މި ވިއްސާރައިގައި ހާއްސަކޮށް މެދު ރާއްޖެތެރެ އާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ހުރިހާ ފަރާތްތަކުން ވެސް މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅަށް ފެށިފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. މެޓް އޮފީހުން ބުނެފައިވާ ގޮތުގައި އިރުވައި މޫސުން މީލާދީ ގޮތުން އަންނަނީ ގާތްގަނޑަކަށް ޖެނުއަރީން ފެށިގެން މާޗް މަހާ ހަމައަށް ކަމުގަ އެވެ. އަދި ހުޅަނގު މޫސުން އަންނަނީ މެއިން ފެށިގެން ނޮވެމްބަރު މަހަށް ކަމުގަ އެވެ.




