ހައްޖުވެރިންނަށް ލުއި ގޮތްތައް ފަހިކޮށްދިނުމަށް ސައުދީ އަރަބިއާއިން ހިންގާ ”މައްކާ ރޫޓް އިނިޝިއޭޓިވް“ ރާއްޖޭގައި ތަންފީޒުކުރުމުގެ ތައްޔާރީތަކަށް ރާއްޖެ ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވަފުދުން ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާއެކު މިއަދު މަޝްވަރާތައް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީގައި އެކަމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް އަދި އިމިގްރޭޝަން ކޮންޓްރޯލާ ރިޓަޔާޑް މުޙައްމަދު ފަޞީޙް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބޭފުޅުންގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސް ބޭފުޅުންނާއި، ޙައްޖުވެރިން ދަތުރުކުރާ ފްލައިޓުތައް އިންތިޒާމުކުރާ މޯލްޑިވިއަންއާއި ސަޢުދީ އެއާލައިންގެ އިސް ބޭފުޅުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
މިއަދުގެ މި ބައްދަލުވުމުގައި މިނިސްޓަރ ޝަހީމް ޚާއްސަ ޕްރެޒެންޓޭޝަނެއް ވަނީ ދެއްވާފައެވެ. އަދި ޙައްޖުގެ ތައްޔާރީތަކާ ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަނުން ވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.
ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް ފެއްޓުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.




