އިގުތިސޯދު ކުރިއަރައި އާމްދަނީ އިތުރުވަމުން އަންނައިރު، މި އަހަރު ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ކުރި ހޭދަ ގާތްގަނޑަކަށް 21.2 އިންސައްތަ ދަށަށް ގޮސްފިކަމަށް، ފިނޭންސް މިނިސްޓްރީން އާންމުކުރަމުން އަންނަ ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް“ ރިޕޯޓުން ދައްކައިފިއެވެ.
އެ ރިޕޯޓުގައިވާ ގޮތުގައި، މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް ހޭދަކޮށްފައި ވަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ ގާތްގަނޑަކަށް 21.2 އިންސައްތަ ދަށް އަދަދެކެވެ.
މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަ ކުރިއެރުމާއެކު ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، 14.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. އަދި ދައުލަތުން ކޮށްފައިވާ ހަރަދު ދަށްވެ، ބަޖެޓުގެ އޯވައޯލް ސާޕްލަސް ވަނީ 1.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ނިޔަލަށް ބަޖެޓުގެ އޯވައޯލް ބެލެންސްގެ ގޮތުގައި ރެކޯޑުކޮށްފައި ވަނީ 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.
ފިނޭންސުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މި އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓުގައި މި އަހަރު ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 35.8 އިންސައްތަ ވަނީ ހިނގަމުން މިދާ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ލިބިފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 6.8 އިންސައްތަ އިތުރު އަދަދެކެވެ.
ދައުލަތުގެ އާމްދަނީގެ 78 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާއިރު، އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސް އާމްދަނީގެ 79.2 އިންސައްތައަކީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހާއި ކޯޕަރޭޓް އިންކަމް ޓެކުހާ އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީ އެވެ.
މީގެއިތުރުން ދައުލަތުގެ އާމްދަނީގެ 78 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާއިރު، އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސް އާމްދަނީގެ 79.2 އިންސައްތައަކީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހާއި ކޯޕަރޭޓް އިންކަމް ޓެކުހާ އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީ އެވެ.




