ޑިވެލޮޕްެމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް، އެ މަގާމުތަކުން އިސްތިއުފާ ދެއްވިއިރު، އޭނާގެ މުސާރައާއި ޙައްޤުވާ އިނާޔަތްތައް ވެސް ވާނީ ދީފައިކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.
ޑީބީއެމްގެ އެމްޑީ ކަމުންނާއި ސީއީއޯކަމުން ނޮއެލް އިސްތިއުފާ ދެއްވީ މިއަހަރުގެ މާރިޗް މަހުގެ 20 ގައެވެ. އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ނުލިބޭކަމަށް ބުނެ ޓްރައިބިއުނަލްއަށް މައްސަލައެއް ހުށަހެޅީ މިދިޔަ މަހުގައެވެ.
ނަމަވެސް އޭނާ އަކީ ދިވެހި ބަހުން ވާހަކަ ދެއްކޭނެ މީހަކަށް ނުވާތީ ތަރުޖަމާނަކު އައްޔަންކުރުމަށް ދިން ފުރުސަތުގައި ތަރުޖަމާނަކު އައްޔަންކޮށްފައި ނުވާތީ މި މަހުގެ 7 ވަނަ ދުވަހު ޓްރައިބިއުނަލުން ވަނީ އެ މައްސަލަ ބާތިލުކޮށްފައެވެ.
ނޮއެލްއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ނުލިބޭ ކަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެން، ޑީބީއެމްއިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
އެގޮތުން އެ ބޭންކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ނޮއެލް އިސްތިއުފާ ދެއްވުމާ ހަމައަށް އޭނާއަށް ހައްގު މުސާރަ އާއި އިނާޔަތްތައް ފުރިހަމައަށް ދީފައިވާނެ ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ، މުސާރަ ނުލިބޭތީ ކަމަށް އެ ބޭންކުން ނުދެކޭ ކަމަށް ވެސް ޑީބީއެމްއިން ބުނެފައިވެއެވެ.
ޑީބީއެމްއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ނޮއެލް މަގާމުން އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ރާއްޖެ ދޫކުރައްވާ ފުރާވަޑައިގެންފައިވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވި ފަހުން، ޑީބީއެމްގެ އެއްވެސް މަސައްކަތެއްގައި އޭނާ ނޫޅުއްވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
”މި މައްސަލަ ފައިސަލާ ކުރުމުގައި މި ބޭންކުން ފުރިހަމަކުރަން ޖެހޭ އެންމެހާ ގާނޫނީ އިޖުރާތްތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަމުންދާނެ ކަމުގައި ވެސް ދަންނަވަން،“ އެ ބަޔާނުގައި ބުނެފައިވެއެވެ.
ޑީބީއެމް އިން އިތުރަށް ބުނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ އެއްބާރުލުމާ އެކު އެ ބޭންކަށް އާ ސީއީއޯއެއް އަދި މެނޭޖިން ޑިރެކްޓަރެއް އައްޔަންކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.




