މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މެއި މަހުގެ 17 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މައްޗަންގޯޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ފުލުހުން ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި މަސްތުވާތަކެތި ކަމަަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1058.55 ގުރާމެވެ.
ފުލުހުންގެ ޑްގަރް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ދަގަނޑުކެޑިގެ / މާލެ، ޙަސަން ނިމާލު (44އ) އާއި ހ. ރީފްވިޔު ހުޅަނގުބައި 3 / މާލެ، ޝިފާނާ ޢަބްދުއްސައްތާރު (38އ) އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




