ބޮންޑެޑް ވެއާހައުސްއެއްގެ ގޮތުގައި ބޭނުންކުރާ ގުދަނަކުން ސިނގިރޭޓުތަކެއް ގެއްލުނު މައްސަލާގައި، ތިން މީހަކު ހައްޔަރު ކުރިނަމަވެސް ފުލުހުންނަށް އެފަދަ ރިޕޯޓެއް ކޮށްފައި ނެތުމުން، އެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ބަންދުން ދޫކޮށްލައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން ރައްޔިތުން ކަމަށްވާ ރެޒައުލް ހައްގު، މަންމާން މޮންޑޮލް އަދި މުހައްމަދު ސުލައިމަން އެވެ.
މި ތިން މީހުން ބަންދުކުރަން ކޯޓުން ކުރިން ނެރުނު އަމުރުގައި ބުނެފައިވަނީ އެ މީހުންނަކީ ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ އަދާކުރާ ބައެއް ކަމަށެވެ. އެއީ ލޮޓަސް ފިހާރަތައް ހިންގާ ކުންފުންޏެވެ.
ޝަރުތުތަކާއެކު ކްރިމިނަލް ކޯޓުން އެމީހުން މިދިޔަ ހުކުރު ދުވަހު ދޫކޮށްލީ ބަންދުގައި 10 ދުވަހަށްވުރެ ގިނަ ދުވަސްވިއިރު ވެސް އެފަދަ ސިނގިރޭޓުތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން ފުލުހަށް ރިޕޯޓް ކޮށްފައިނުވާތީ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ޕާސްޕޯޓު ހިފަހައްޓަން ޝަރުތުކުރުމަށް ފަހު އެ ތިން މީހުން ވަނީ ދޫކޮށްލައިފައެވެ. އަދި އެމީހުންނަކީ ސައްހަ ވިސާގައި އުޅޭ ބައެއް ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވީ، އަތުލައިގަތް ސިނގިރެޓް ކާޓަންތަކަކީ މި ބިދޭސީން މަސައްކަތްކުރާ ސީނިއާ އިންޓަނޭޝަނަލްގެ ބޮންޑެޑް ވެއާހައުސް ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށާއި އެއީ ބޮންޑެޑް ވެއާހައުސް އަކަށް ވާތީ އެތަނުން ތަކެތި ބޭރުކުރެވޭނީ ވެސް ކަސްޓަމްސް އަށް ޑިއުޓީ ދައްކައިގެން ކަމަށެވެ.



