ހުޅުމާލޭ މުދާ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު ފެށުމާއި ގުޅިގެން، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ޖެހުމުން ކަންބޮޑުވުން ފާޅުކުރި އޮޑިވެރިންނަށް، އެޗްޑީސީން ވަގުތީ ހައްލެއް ހޯދައިދީފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަހަރުގެ އޭޕްރީލް 9 ވަނަ ދުވަހު ވަނީ މުދާ ޖެޓީ ތަރައްގީ ކުރުމުގެ މަސައްކަތަށް، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އިއުލާން ކޮށްފައެވެ.
މިކަމާއި ގުޅިގެން އެޗްޑީސީއިން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ، އުޅަނދުތައް ނެގުމަށް ދީފައިވާ މުއްދަތު ހަމަވުމުން، މިއަދު އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެންގުމާއި ގުޅިގެން، ގިނަ އަދަދެއްގެ އޮޑިވެރިން އެ ސަރަހައްދަށް އެއްވެ، އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވާކަމަށެވެ.
އެކަމުގެ ސަބަބުން އެޗްޑީސީގެ އިސްވެރިން މިއަދު އެ އޮޑިވެރިންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު، މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސައިދީފައި ވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އަބަދުވެސް މަސައްކަތް ކުރަނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ މިފަދަ އެންމެހާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށްކަމަށް އެޗްޑީސީން ބުނެފައިވެއެވެ.




