ރާއްޖޭގެ ޕަބްލިކް ފެރީ ނެޓްވޯކް ފުޅާކުރުމުގެ މަޝްރޫއަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައި އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށްވާ މި އަހަރުގެ ނިޔަލަށް ޤައުމީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ވިޝަންގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
އިންޑިއާ ސަރުކާރުގެ ”ގްރާންޓް އެސިސްޓެންސް ފޯ ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓް ޕްރޮޖެކްޓްސް“ ގެ ދަށުން ދޭ މި އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލާއި، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ބާލަ ސްބަރަމާނިއަމް އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެހީގެ ފައިސާ ބޭނުންކުރާނީ ރާއްޖޭގެ އެކި ސަރަޙައްދުތައް ކަނޑު ދަތުރުފަތުރުން ގުޅުވާލުމަށް ޤާއިމުކުރެވޭ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަށް ކަމަށެވެ.
އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.




