ރާއްޖޭގައި ރޯގާ އާއި ހުމުގެ ބަލި އިތުރުވަމުންދާތީ، ރައްޔިތުން މިކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހްމަދު ފައިސަލް އިރުޝާދު ދެއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ފައިސަލް ވިދާޅުވި ގޮތުގައި، މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އަތްދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަދި ދަރިވަރުންގެ ތެރޭގައި ބަލި ފެތުރުނަ ނުދިނުމަށްޓަކައި، ބަލި ޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުމަށް ޑރ. ފައިސަލް އިލްތިމާސް ކުރައްވާފައި ވެއެވެ.
”ކެއްސާއިރު ނުވަތަ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުމަކީ ވަރަށް މުހިންމު ކަމެއް. އަދި ބަލި ޖެހިފައިވާ މީހުން ގިނައިން ދިޔާތަކެތި ބޭނުންކުރަންވާނެ،“ ޑރ. ފައިސަލް ވިދާޅުވިއެވެ.
އަދި ޑރ. ފައިސަލް އާންމުންނަށް އިރުޝާދު ދެއްވަމުން ވިދާޅުވީ، ނޭވާލުމުގައި އުނދަގޫވާނަމަ، ނުވަތަ ހުން ތިން ދުވަހަށްވުރެ ދިގުލައިފިނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށެވެ.
މި ދުވަސްވަރަކީ މޫސުމީ ބަދަލުތަކާ ގުޅިގެން ރޯގާއާއި ހުމުގެ ބަލިތައް އާންމުވާ މޫސުމަކަށްވާތީ، އާންމު ރައްޔިތުން މިކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމުގައި ޞިއްޙީ މާހިރުން ފާހަގަކުރެއެވެ.



