ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީ ކުރުމަށް ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިން ހަމަޖައްސައިފި އެވެ.
ބީއެމްއެލުން ބުނީ މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
118 ކޮޓަރީގެ މި ފަސްތަރި ރިސޯޓަކީ ރާއްޖޭގެ މަތީ ފަންތީގެ ކުންފުންޏެއް ކަމަށްވާ އެލިއާ ގްރޫޕާއި، މިހާރުވެސް ރާއްޖޭގައި ނުވަ ރިސޯޓް ހިންގަމުންދާ ބައިނަލްއަގުވާމީ ކުންފުނި އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޖޮއިންޓް ވެންޗާ، ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރާ ރިސޯޓެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ.
މިއީ ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސް ކުރެވޭ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓް އެކަނި ނޫން ކަމަށާއި، މިއީ ރާއްޖޭގައި ޝަރީއާ ހަމަތަކާ އެއްގޮތަށް މުޅިން ފައިނޭންސް ކުރެވޭ ފުރަތަމަ އިސްލާމިކް ރިސޯޓް ފައިނޭންސިން ކަމަށް މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
އަދި މިއީ ކޯޕަރޭޓް ސެކްޓަރގައި އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއްކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
މި ފެސިލިޓީއާއެކު ރާއްޖޭގެ މާލީ ދާއިރާގައި ބޭންކް އޮފް މޯލްޑިވްސްއިން އަދާކުރަމުންދާ ދައުރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބޭންކުން ބުނެފައިވެ އެވެ.



