ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ބަންދުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ ބަންދު މުއްދަތު އިތުރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލައިގައި ކުރިން ދެފަހަރެއްގެ މަތިން 15 ދުވަސް، ދެން 5 ދުވަސް އަދި އެންމެފަހުން 20 ދުވަހުގެ ބަންދު މުއްދަތު ކޯޓުން ވަނީ ޖަހާފައެވެ.
އިސްތިއުނާފު ކޮށްފައިވަނީ 5 ދުވަހުގެ ބަންދު މުއްދަތު ޖެހި އަމުރެވެ. މި މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ޖިނާއީ އިޖުރާއަތު ގާނޫނުގެ 60 ވަނަ މާއްދާގެ (ބ) އަށް ހަވާލާދީ މުއްދަތު އިތުރުކުރަން އެދުނެވެ. އެއަށްފަހު އެ މާއްދާގެ (ޅ) އަށް ބަދަލުކުރިއެވެ. ނަމަވެސް ދެ މާއްދާގެ ދަށުންވެސް ރައުދު ބަންދުގައި ނުބެހެއްޓޭނެކަމަށް އޭނާގެ ވަކީލުން ބުނެފައިވެއެވެ.
ޝަރީއަތް މެދުކަނޑާލުމަށްފަހު، ގާޒީ ވަނީ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން މުޖުތަމައުގެ ސަލާމަތަށްޓަކައި ރައުދުގެ ބަންދަށް 5 ދުވަސް އިތުރުކޮށްފައެވެ.
މި މައްސަލަ ހައިކޯޓުން ބަލައިގަތުމާއެކު، ރައުދުގެ ފަރާތުން ވަނީ ފަސް ނުކުތާއެއް ފާހަގަކޮށްފައެވެ. އޭގެތެރޭގައި ފުލުހުން ރައުދުގެ ބަންދު އިތުރު ކުރުމަށް ހުށަހެޅުމުގައި ނުބައި މާއްދާއަކާ ހަވާލާދިނުމާއި، އޮޅުމެއް ކަމަށް ބުނެ އަނެއްކާވެސް ނުބައި މާއްދާއަކާ ހަވާލާދީ ސްޓޭންޑް ބަދަލުކުރުމާއި، ބަންދު މަޖިލީހުގައި އިންނެވި ގާޒީ އަމިއްލައަށް ދެ ހަސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ މުއްދަތު ޖެހުން ހިމެނެއެވެ.
އަދި ގާޒީ ހަވާލާދިން މާއްދާގައި ބަޔާންކުރާ ގޮތާ ޚިލާފަށް މުއްދަތު ދިނުމާއި، އާ ހެއްކެއް ހުށަހަޅާފައި ނެތީސް ހެކީގެ ނިސްބަތް ދަރަޖަ މަތިކުރުންވެސް ހިމެނެއެވެ.
ރައުދުގެ ވަކީލުން ބުނިގޮތުގައި، ބަންދުގެ މައްސަލާގައި ފުލުހުންނާއި ފަނޑިޔާރު ވަނީ ގާނޫނާ ޚިލާފަށް ޢަމަލުކޮށްފައެވެ.



