ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމު ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ވަގުތުން ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޣައްޒާގައި އިސްރާއީލުން އާންމު ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންދާ ހަމަލާތައް ވަރަށް ހަރުކަށި ގޮތެއްގައި ކުށްވެރިކުރައްވާ ކަމަށެވެ.
އަނިޔާވެރިކަން ހުއްޓުވުމަށާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ވަގުތުން އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ރާއްޖެއިން ގޮވާލާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރައީސް ވަނީ، ބައިނަލްއަގުވާމީ ޤާނޫނުތަކާއި އެއްގޮތަށް ޣައްޒާ ރައްޔިތުންގެ ފުރާނަ ހިމާޔަތް ކުރުމަށް ގޮވާލި ގޮވާލުން އަނެއްކާ ވެސް ތަކުރާރު ކުރައްވާފައެވެ.
ފަލަސްތީނުގެ މައްސަލައިގައި ފަލަސްތީނަށާއި، ފަލަސްތީނު ރައްޔިތުންނަށް ރާއްޖެއިން ތާއީދުކުރާކަން ކުރިންވެސް ތަކުރާރުކޮށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް އެތަކެއް ހާސް މީހުން މަރުވެފައިވާއިރު، މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭކަން ފާހަގަކުރެވެއެވެ.
މިއަދު ވެސް އިސްރާއީލުން ވަނީ ޣައްޒާގެ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.




