އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އަށް ޕްރޮސްޓްރޭޓް ކެންސަރުގެ ނުރައްކާތެރި ބައްޔެއް ޖެހި، އެ ބަލި އޭނާގެ ކަށިތަކަށް ވެސް ފެތުރިއްޖެއެވެ.
ބައިޑަންގެ އޮފީހުން އެކަން ކަށަވަރު ކޮށްދެމުން ބުނީ، އޭނާއަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
އުމުރުން މިހާރު 82 އަހަރުގެ ބައިޑަން އަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކެއް ހުރި ކަމުގެ އަލާމާތްތަކެއް ފެންނާތީ ޑޮކްޓަރަށް ދެއްކުމުން ކަމަށް ވެސް އޭނާގެ އޮފީހުން ބުނެފައިވެއެވެ.
ބައިޑަންގެ ފިރިހެން ދަރިފުޅު ބީއު ބައިޑަން ވަނީ 2015 ވަނަ އަހަރު ކެންސަރު ބަލީގައި މަރުވެފައެވެ.
އެމެރިކާގެ ކުރީގެ ރައީސް ބައިޑަންގެ އޮފީހުން ބުނީ، އޭނާއަށް ޖެހިފައިވަނީ ކެންސަރުގެ ނުރައްކާތެރި ބާވަތެއް ނަމަވެސް މިއީ ހޯމޯން-ސެންސިޓިވް ކެންސަރުގެ ބާވަތަކަށް ވާތީ ބަލި މެނޭޖްކުރެވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ބައިޑަން އާއި އާއިލާއިން މިހާރު ދަނީ ޑޮކްޓަރުންގެ މަޝްވަރާއާ އެކު، ފަރުވާގައި ކުރިއަށްދާނެ ގޮތްތަކާ މެދު ވިސްނަމުން ކަމުގައި ވެސް ބުނެފައިވެއެވެ.
ބައިޑަންއަށް ކެންސަރު ޖެހިފައިވާކަން ހާމަވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި މެސެޖު ފޮނުވާފައެވެ.




