ބްރަޮޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) ގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅޭކަމަށް ބުނެ އެ ކޮމިޝަންގެ މުވައްޒަފުން ޕެޓިޝަނެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.
އެ ޕެޓިޝަނާއެކު ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ އެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ގެ ސަމާލުކަމަށް ވެސް ގެންނަވައިފައެވެ.
ބްރޯޑްކޮމްގެ މުވައްޒަފުން އެ ޕެޓިޝަންގައި ބުނެފައިވަނީ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސް އެޅޭގޮތަށް ކޮމިޝަން ރައީސް ސޮފާ ޝަފީގާއި ބައެއް އެހެން މެމްބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އަދި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމް ކުރުމެއް ނެތި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަމުންދާ ކަމަށެވެ.
ޕެޓިޝަންގައި ފާހަގަ ކޮށްފައިވާ އިތުރު ބައެއް މައްސަލަތައް:
° މުވައްޒަފުން ލައްވާ ގޭގައި މަސައްކަތް ކުރުވުމާއި ކޮމިޝަންގެ ބަޖެޓުން އިތުރު ގަޑީގެ ފައިސާ ދެވެން ނެތްއިރު ވެސް މަސައްކަތް ކުރުވުން
° އެކަށީގެންވާ ވަގުތު ނުދީ ވަގުތުން ވަގުތަށް މަސައްކަތް ނިންމަން ފިއްތުންތައް ކުރިމަތި ކުރުން
° ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރަ ކޮށްގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ފަހުން ފަޒީން އަމިއްލައަށް އިސްތިއުފާ ދިނުމުން ވެސް އަނިޔާ ލިބުނު މުވައްޒަފު އަދާކުރަމުން ދިޔަ ޒިންމާތަކުން އޭނާގެ ނުރުހުމުގައި އެކަހެރިކޮށް، އޭނައާ މެދު ބަދަލު ހިފުމުގެ ރޫހުގައި އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށް މަސައްކަތުން އެކަހެރިކޮށް އޭނާއަށް ”ޑަބަލް ވިކްޓަމައިޒް“ ކުރުން.
° މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަން ތަފާތު ގިނަ ކަންކަން ކުރޭ. އޭގެ ތެރެއިން މުވައްޒަފުންގެ ވަޒީފާ ބަޔާން ހޯދައި ދީފައިވާ އެކްސެސް ކަނޑާލައި އަދި މުވައްޒަފުންގެ ޒާތީ މައުލޫމާތެއް އެހެން މުވައްޒަފުންގެ ކުރިމަތީ ހާމަކުރުން އާއްމުވުން. މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލް އިން ލިބުނު މާކްސްތައް އެއް ފަންތިއެއްގެ މުވައްޒަފުން ކުރިމަތީގައި ހާމަކޮށް އެ މުވައްޒަފު ސުޕަވައިޒު ކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހި ކޮމިޝަންގެ ރައީސް އަދި ބައެއް މެމްބަރުން ސުވާލު އުފެއްދުން.
° ކޮމިޝަންގެ ހިންގާ ގަވައިދާ ހިލާފަށް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައި، ކަނޑައަޅާފައިވާ އިޖުރާއަތްތައް ފުރިހަމަނުކޮށް ވަކި މުވައްޒަފަކު ވަޒީފާ އިން ވަކިކުރަން އެޗްއާރު ޕެނަލަށް އެންގުން.
އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން އެ ކޮމިޝަންގެ މެންބަރުންގެ ކިބައިން އެދިފައިވަނީ:
– ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާ ތަރައްގީކުރަން ޕޮލިސީ ލެވެލްގައި ހަރުދަނާ މަސައްކަތްކުރުން.
– މުވައްޒަފުން މެދުވެރިކޮށް މުވައްޒަފުންނާއި އިދާރީ ވެރިންނަށް ފާރަނުލުން.
– ރުޅިވެރިކަމާއި ޒާތީވުމާއި މުވައްޒަފުންނާ ޖައްސާލުމާއި މުވައްޒަފުންނަށް ނަފްސާނީގޮތުން ކުރާ ގޯނާ ހުއްޓާލުން




