މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން، އެރޭ އޭނާއާއެކު އުޅުނުކަމަށް ފެނިފައިވާ ގ. އެރިޔަދޫ ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލަން އެދި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ.
މި ހާދިސާއާ ގުޅިގެން ރައުދު ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 24 ގައެވެ. އޭގެފަހުން އޭނާގެ ބަންދުގެ މުއްދަތު އެކި ފަހަރުމަތިން އިތުރު ކުރަމުން، އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ 20 ދުވަހަށް އިތުރު ކޮށްފައެވެ.
ރައުދުގެ ބަންދުގެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ ވެސް މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހައިކޯޓުގެ ވެބްސައިޓުން އެނގޭ ގޮތުގައި މިހާރު އެ މައްސަލަ ވަނީ ރެޖިސްޓްރީ ކޮށްފައެވެ.
މި މައްސަލަ ހައިކޯޓުން ބަލައިގަތް ނަމަވެސް، އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ފަށާނެ ދުވަހެއް އަދި އެނގިފައެއް ނުވެއެވެ.
މިއީ ޒުވާނުންތަކެއް މަސްތުވާތަކެއްޗާއެކު ޕާޓީ ކުރިފަހުން ހިނގި ހާދިސާއެއް ކަމަށް ފުލުހުން ބުނި ނަމަވެސް ރައުދު ފިޔަވާ އިތުރު ބަޔަކު މި މައްސަލައިގައި އަދި ހައްޔަރެއް ނުކުރެއެވެ. ނަމަވެސް ފުލުހުން ވަނީ މި މައްސަލައިގައި ދެން ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށް، އެ މީހުން ރާއްޖޭން ބޭރަށް ނުދެވޭނެހެން ޕާސްޕޯޓް ހިފަހައްޓައިފައެވެ.



