ދުންފަތާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްތަށް ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ހާއްސަ އެވޯޑެއް އެމަނިކުފާނަށް ލިބިވަޑައިގެންފިއެވެ.
އެގޮތުން ދުނިޔޭގެ ދުންފަތާ ދެކޮޅު ދުވަހުގެ މުނާސަބަތުގައި ރައީސަށް ލިބިވަޑައިގެންނެވީ، ޑަބްލިޔުއެޗްއޯ ޑައިރެކްޓަރ ޖެނެރަލްގެ ހާއްސަ އެވޯޑެވެ. ރައީސް މުޢިއްޒުގެ އިތުރުން މި އެވޯޑު ދެން ލިބިފައިވަނީ މޮރިޝަސްގެ ހެލްތު މިނިސްޓްރީ އަށެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުން ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެކި ޤައުމުތަކުން 36 ފަރާތަކަށް އެވޯޑު ދީފައެވެ. ނަމަވެސް އެންމެ ހާއްސަ އެވޯޑު ލިބިވަޑައިގެންނެވީ ރައީސް މުޢިއްޒު އަށާއި މޮރިޝަސް އަށެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމަށް ރައީސް މުޢިއްޒު ވަނީ ގިނަ ކަންތައްތަކެއް ކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާ ކޮށްފައިވެއެވެ.
މީގެއިތުރުން 2007 އިން ފެށިގެން އުފަންވާ މީހުންނަށް ދުންފަތުގެ ”ޖެނެރޭޝަން ބޭން“ އެއް ކަނޑައެޅުމަށް ވެސް ފާސްކޮށްފައިވާތީ، އެކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ކުރިން މަރުހަބާވެސް ކިޔާފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކަން ސިފަކޮށްފައިވަނީ ”ޖެހިލުން ކުޑަ“ ނިންމުމެެއްގެ ގޮތުގައެވެ.




