އއ. މަތިވެރީގައި ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ކޮންމެ ކުއްޖަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ރަށު ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވި ގޮތުގައި މިއީ ރަށުގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށެވެ.
މި ވަގުތު މަތިވެރީގައި އެއްވެސް ހާފިޒަކު ނެތްނަމަވެސް، ދެ ކުއްޖަކު ގުރުއާން ހިތުދަސްކޮށް މުރާޖައާކުރުމުގެ މަރުހަލާގައި ތިބިކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ރަށުގެ ފުރަތަމަ ދެ ހާފިޒުން އުފެދޭނެ ކަމަށް ބެލެވޭ ކަމަށާއި، މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ގުރުއާންގެ އިލްމު ކުރިއަރުވައި އެ ކުދިންނަށް ހިތްވަރު ދިނުން ކަމަށެވެ.
ހާފިޒުން އުފެއްދުމަށް ބާރު އެޅުމަށް ކ. ހުރާ ކައުންސިލުން ވެސް ވަނީ ކޮންމެ ކުއްޖަކަށް 150،000ރ. ދޭން ނިންމައިފަ އެވެ.
ޤައުމީ ފެންވަރުގައި ވެސް ޒުވާން ހާފިޒުން އުފެއްދުމަށް ސަރުކާރުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިހާތަނަށް 250 ކުއްޖަކު ހާފިޒުކަމުގެ ސަނަދު ހާސިލުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ އަންނަ ފަސް އަހަރުގެ ތެރޭގައި މި އަދަދު 1،000 އަށް އިތުރުކުރުމެވެ.



