ޔޫރަޕިއަން ޔޫނިއަން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސް، ހަރ އެކްސެލެންސީ އުރްސުލާ ވޮން ޑާ ލެޔެން އަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބްރަސްލްސް ގައި ހުންނަ ޔޫރަޕިއަން ކޮމިޝަން ހެޑްކުއާޓާސް، ބާލެމޮންޓް ބިލްޑިންގް ގައެވެ.
ފަތްކޮޅުއެރުވުމަށްފަހު، ސަފީރު ޤީލާ އަލީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހަރ އެކްސެލެންސީ އުރްސުލާ ވޮން ޑާ ލެޔެން އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.
އަދި ދިވެހިރާއްޖެ އިން ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައިވާ ސަފީރުގެ މަޤާމާ އަލްފާޟިލާ ޤީލާ ޢަލީ ހަވާލުވެވަޑައިގަތުމުން އެކަމަނާއަށް ޔޫރަޕިއަން ކޮމިޝަނުގެ ރައީސް މަރުހަބާ ވިދާޅުވިއެވެ.
ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ރާއްޖެ ސަފީރު އެރުވިއެވެ.




