ފީނަން ގޮސް އުޅުނު ބިދޭސީއެއްގެ ގައިމަތިން ލޯންޗެއްދިޔަ ހާދިސާގައި، އަނިޔާ ލިބުނު ފަރާތުގެ ބުރިވި އަތް އަދި ފެނިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ ހިނގި މި ހާދިސާގައި، އަނިޔާވެފައިވަނީ ފީނަން ގޮސް އުޅުނު ބަންގްލަދޭޝް ފިރިހެނަކަށެވެ. އޭނާގެ ގައި މައްޗަށް އަރާފައިވަނީ، ނ. އަތޮޅުގައި ހިންގަމުން އަންނަ ލޯންޗެއް ކަމަށާއި މި ހާދިސާ ހިނގާފައިވަނީ އެ ލޯންޗު ރިސޯޓަށް ވަންނަން ދިޔަ ގަޑީގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި އޭނާގެ އަތް ބުރިވެ، ދެ ފައި ބިނދިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ނ. އަތޮޅުގައި ހިންގަައި ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅުނު ބައެއްގެ ތެރެއިން ބަންގްލަދޭޝް މީހެއްގެ ގައިގައި ލޯންޗަކުން ޖެހި ބޮޑެތި އަނިޔާތަކެއްވެފައިވާ ހާދިސާގެ ތަހުގީގުގައި، ލޯންޗުގެ ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ހާދިސާ ހިނގި ސަރަހައްދު ދެ ފަހަރެއްގެ މަތިން ބަލައިފާސްކުރި ކަމަށާއި ނަމަވެސް އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ހެއްކަށާއި މައުލޫމާތަށް ބަލައި، މިވަގުތު އެއްވެސް ފިޔަވަޅެއް އަޅާފައިނުވި ނަމަވެސް، ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.




