މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އައްޔަނު ކުރެއްވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމުން އަލުން އެ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ޔޫތު އެމްޕަވަރމެންޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެމްއެމްސީގެ ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ ހަތަރު ކެންޑިޑޭޓުން ކަމަށެވެ.
އޭގެ ތެރެއިން ދެ ކެންޑިޑޭޓުން މިހާރު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި، އެހެންކަމުން އަލުން އެ ފުރުސަތު ހުޅުވާލީ އެ މިނިސްޓްރީން ބުނެފައިވެއެވެ.
އަލުން އެ ފުރުސަތު ހުޅުވާލިނަމަވެސް، އެ މަގާމަށް އެދި ކުރިން ފޯމު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މީޑިއާ ކައުންސިލަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ އިންތިހާބު ތާވަލު ކުރީ މި މަހުގެ 30 ވަނަ ދުވަހަށެވެ. އެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓުވެސް އެ މިނިސްޓްރީން ވަނީ ނެރެފައެވެ.
އެމްއެމްސީގެ މެންބަރުކަމަށް އަލުން ހުޅުވާލާފައިވާއިރު، އެ މަގާމަށް ކުރިލަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މެންބަރުކަމަށް އެދި ހުށަހަޅާ ފޯމާއި މައްސަލަ ސާފު ކުރާ ފޯމު މިނިސްޓްރީގެ އީމެއިލް media@youth.gov.mv މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.




