މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި މާރާމާރީއަކާ ގުޅިގެން އުމުރުން 18 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފިއެވެ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް11 ވަނަ ޓަވަރު ކައިރީގައި މާރާމާރީއެއް ހިނގި މައްސަލައެއް ރިޕޯޓުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ 11:51 ހާއިރެވެ.
މި މާރާމާރީގައި ދެމީހަކަށް އަނިޔާ ވެފައިވާ ކަމަށާއި އެތަނުން އެކަކުގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އަނެކަކުގެ ބުރަކަށި އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
މީގެއިތުރުން މި މާރާމާރީ ހިންގި މީހުން ދެ ފޯނު ފޭރިގެންފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެެއްގެ ދަށުން، މާލެ، މއ. ޝެލްޓަރ / މުޙައްމަދު ރައިހާން ހުސެއިން (18އ) ރޭ 11:10 ހާއިރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގާއި ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.




