މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން، ޖަލުތަކުގައި ތިބި ޤައިދީންނަށް ކީރިތި ޤުރްޢާން އުނގަންނާދިނުމާ ގުޅޭގޮތުން ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުއާއެކު ފަހުމްނާމާ އެއްގައި މިއަދު ސޮއިކޮށްފިއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އެމްސީއެސްގެ ފަރާތުން ފަހުމްނާމާގައި ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ.
އަދި ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއި ކުރެވުނު މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތްތަކާ އެއްގޮތަށް، މޯލްޑިވިސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ތަޖުވީދުމަގުން ރީތިކޮށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހާ ކަންތައްތަކަށް މަގުފަހިކޮށްދިނުމެވެ.
މި ފަހުމުނާމާގެ ދަށުން، ކަނޑައެޅިފައިވާ އުޖޫރައަކަށް ކީރިތި ޤުރްޢާން އާ ބެހޭ ޤައުމީ މަރުކަޒުން ޖަލުތަކުގައި ތިބި ގައިދީންނަށް ޤުރްޢާން ކިޔަވަން ދަސްކޮށްދީ ހިފްޒް ކްލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެ އެވެ.
މީގެ އިތުރުން ކުޑަކުދިން ބަންދުރާ މަރުކަޒުގައި ތިބި ކުޑަކުދިންނަށްގެ ތަޢުލީމީ ފެންވަރަށް ރިޢާއަތްކޮށް ކްލާސްތައް ނަގައިދޭނެ އެވެ.



