ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ވަނީ އެތަނުގެ ސާވާއަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ތަނުން އެދުމުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ، ބްރޯޑްކޮމްގެ އޮފީސް މާހައުލުގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމާއި ފުލުހުން އެ އިދާރާއަށް ވަނުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
މި މައްސަލަ ކުރިމަތިވެފައިވަނީ، ބްރޯޑްކޮމްގެ މުވައްޒަފުންގެ މަސައްކަތްތަކަށް ދަތިކުރާކަމަށް ބުނެ އެތަނުގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ.
އަދި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑްކުރުމާ ގުޅިގެން ބްރޯޑްކޮމްގެ ގިނަ މުވައްޒަފުންތަކެއް މިއަދު ވަނީ މަސައްކަތް ހުއްޓާލައި ގެއަށް ގޮސްފައެވެ.
މުވައްޒަފުން ހުށަހެޅި ޕެޓިޝަންގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ޢަމަލުކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުވުމާއި، އޯވަރޓައިމް ދެވެން ނެތް އިރުވެސް މަސައްކަތްތައް ކުރުވުމާއި، މުވައްޒަފުންނަށް ކުޑައިމީސްކޮށް މަލާމާތްކުރުން ފަދަ ކަންކަން ހިމެނެއެވެ.
އަދި އިޖުރާއަތުތައް ފުރިހަމަނުކޮށް ވަކި މުވައްޒަފަކު ވަކިކުރުމަށް އެޗްއާރު ޕެނަލްއަށް އަންގާ ކަމަށާއި، ކޮމިޝަންގެ މެންބަރުން މުވައްޒަފުން މެދުވެރިކޮށް އިދާރީ ވެރިންނަށް ފާރަލުމާއި، ޒާތީވެ ނަފްސާނީ ގޮތުން ގޯނާކުރާ ކަމަށްވެސް މުވައްޒަފުން ވަނީ ޕެޓިޝަންގައި ފާހަގަކޮށްފައެވެ.




