މ. ވޭވަށުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފިއެވެ.
ވޭވަށުގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުންނާއި އެ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވޭވަށުގައި މި ހިދުމަތް ފެއްޓެވުމުގެ ގޮތުން މިނިސްޓަރ އާދަމް ޝަރީފު ވަނީ، އެ އޭޓީއެމް އިން ފައިސާ ނަންގަވާފައެވެ. އަދި އެ ހިދުމަތް ފެށުމުގެގޮތުން ބޭނުންކުރެއްވި ރަމްޒީ ކާޑު މިނިސްޓަރު ވަނީ ކައުންސިލާ ޙަވާލުކޮށްދެއްވާފައެވެ.
މި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، އޭޓީއެމް ޚިދުމަތާއިއެކު ރައްޔިތުންނަށް ދިމާވަމުންދިޔަ ދަތިތަކަށް ލުޔެެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. މިގޮތުން މިހާތަނަށް ރައްޔިތުން އަތުގައި ހުންނަ ނަގުދު ފައިސާ ގޭގައި ރައްކާކުރަން ޖެހުމާއި، ފައިސާ ނަގަން ޖެހިއްޖެނަމަ ދުރު ރަށަކަށް ދާން ޖެހުމުގެ ދަތިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ވޭވަށުގައި ބޯއެމްއެލްއިން ބަހައްޓާފައިވަނީ 24 ގަޑިއިރުގެ ހިދުމަތްދޭ އޭޓީއެމް އެކެވެ.




