މ. ނާލާފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހިދުމަތް މިއަދު ފަށައިފިއެވެ.
ނާލާފުށީގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުންނާއި އެ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނާލާފުށީގައި މި ހިދުމަތް ފެއްޓެވުމުގެ ގޮތުން މިނިސްޓަރ އާދަމް ޝަރީފު ވަނީ، އެ އޭޓީއެމް އިން ފައިސާ ނަންގަވާފައެވެ. އަދި އެ ހިދުމަތް ފެށުމުގެގޮތުން ބޭނުންކުރެއްވި ރަމްޒީ ކާޑު މިނިސްޓަރު ވަނީ ކައުންސިލާ ޙަވާލުކޮށްދެއްވާފައެވެ.
މި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، އޭޓީއެމް ހިދުމަތެއް ނެތުމަކީ ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމެއް ކަމަށެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއެކު، މިމަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން ގިނަ އަހަރުތަކެއް ނަގާ ކަންކަން ބޭންކުގެ ހިންގުމަށް ގެނައި ބަދަލާއިއެކު، މިހާރު ދުވަހުން ދުވަހަށް ކުރިއަށްދާ ކަމަށެވެ.
ނާލާފުށީގައި ބީއެމްއެލްއިން ބަހައްޓާފައިވަނީ 24 ގަޑިއިރުގެ ހިދުމަތްދޭ އޭޓީއެމް އެކެވެ.



