މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު (21އ.) ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި، ގ. އެރިޔަދޫ / ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލައިފިއެވެ.
ރައުދު ދޫކޮށްލާފައިވާކަން ހާމަވެފައިވަނީ، އޭނާގެ ބަންދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެ ކޯޓުން އެ މައްސަލަ ބާތިލުކޮށް މިއަދު ނެރުނު އަމުރަކުންނެވެ.
އެގޮތުން ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ ބަންދުން ރައުދު ދޫކޮށްލާފައިވާތީ، އޭނާގެ ބަންދުގެ އިސްތިއުނާފު މައްސަލަ ބާތިލު ކޮށްދިނުމަށް އެދި ރައުދުގެ ފަރާތުން އެ ކޯޓަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަބެލި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލަ ބާތިލު ކޮށްފައިވާ ކަމަށެވެ.
ފުރާޅެއްގެ މައްޗަށް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހައްޔަރު ކޮށްފައިވަނީ، ހާދިސާ ހިނގި ރޭ ޔުމްނު އާއެކު އޭނާ އުޅުނުކަން ސީސީޓީވީ ފުޓޭޖްތަކުން ވެސް ހާމަވެފައިވުމުންނެވެ. އަދި އޭނާއާއި ޔުމްނު ވެސް ވަނީ މަސްތުވާ ތަކެއްޗަށް ވެސް ޕޮޒިޓިވް ވެފައެވެ.
ރައުދު ބަންދުން ދޫކޮށްލިއިރު، މިމަހުގެ 15 ގައި ވަނީ އޭނާގެ ބަންދަށް 20 ދުވަސް ޖަހާފައެވެ. ނަމަވެސް އެ މުއްދަތު ހަމަނުވަނީސް އޭނާ ދޫކޮށްލަން މެދުވެރިވީ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.



