ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުގެ މަޤާމަށް 12 ބޭފުޅަކު ކުރިމަތިލައިފިއެވެެ.
ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރޭގައި ހައިކޯޓުގެ އިސް ފަނޑިޔާރާއި، ކުރީގެ އިސް ފަނޑިޔާރުންނާއި، ޤާނޫނީ ދާއިރާގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަޒްމިރާލްދާ ޒާހިރު އަދި މަހާޒް ޒަހީރު، ސުލޫކީ މައްސަލައެއްގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަޙުޤީޤަށްފަހު، މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.
މި މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރޭގައި ހައިކޯޓުގެ އިސްފަނޑިޔާރު މުޙައްމަދު ފައިޞަލް، ހައިކޯޓު ފަނޑިޔާރު މުޙައްމަދު ސަލީމް، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާންހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ހައިލަމް، ކުރީގެ މެޖިސްޓްރޭޓް މުޙައްމަދު ރާޣިބު އަޙްމަދު، އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަދި ސިވިލް ކޯޓުގެ ޤާޟީކަން ކުރައްވާފައިވާ މަރްޔަމް ނިހާޔަތުވެސް ވަނީ ކުރިމަތިލައްވާފައެވެ.
އަދި ކުރީގެ އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު ފަޒްނާ އަޙްމަދު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު މުޙައްމަދު ވަޙީދު އިބްރާހީމް (ވައްޑެ)، ޤާނޫނީ ވަކީލު އިބްރާހީމް ޢަލީ އަދި ޤާނޫނީ ވަކީލު މުޙައްމަދު އިބްރާހީމްވެސް ވަނީ މި މަޤާމަށް ކުރިމަތިލައްވާފައެވެ.
ޖޭއެސްސީން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މި މަހުގެ 17 ވަނަ ދުވަހުއެވެ.




