މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ބަންދުން ދޫކޮށްލުމަށްފަހު މިއަދު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ރައުދުގެ ބަންދު މިހާތަނަށް ހަތަރު ފަހަރަށް އިތުރުކޮށްފައިވެއެވެ.
އެގޮތުން ފުރަތަމަ ފަހަރު ފަސް ދުވަހަށް، ދެވަނަ ފަހަރު 10 ދުވަހަށް އަދި ތިންވަނަ ފަހަރު ފަސް ދުވަހަށް ބަންދު އިތުރުކުރުމަށްފަހު، އެންމެ ފަހުން އޭނާގެ ބަންދު 20 ދުވަހަށް އިތުރުކޮށްފައިވެއެވެ.
ނަމަވެސް މި 20 ދުވަސް ހަމަނުވަނީސް މިއަދު ހެނދުނު ރައުދު ވަނީ ބަންދުން ދޫކޮށްލާފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައުދު އަލުން ހައްޔަރުކޮށްފައިވާއިރު، އޭނާގެ ކުރީގެ ބަންދު އަމުރެއް އިސްތިއުނާފް ކުރުމާ ގުޅިގެން މިއަދު ހެނދުނު އަޑުއެހުމެއް ތާވަލުކޮށްފައިވީ ނަމަވެސް، ރައުދު ބަންދުން ދޫކޮށްލާފައިވާތީ އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
މި މައްސަލައިގައި ފުލުހުން އެދިގެން، ރައުދުގެ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތައް ވަނީ ސިއްރުކޮށްފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
މި މައްސަލައިގައި ގ. ރަނައުރާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
މިހާރު މެލޭޝިއާގައި ފަރުވާ ހޯދަމުންދާ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނި ނަމަވެސް، މިކަން ޔުމްނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ.



