އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ފަސްވަނަބުރުގެ މަޝްވަރާތައް މާދަމާ އިޓަލީގެ ރޯމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިކަންހާމަކުރައްވާފައި ވަނީ އިރާން-އެމެރިކާގެ މަޝްވަރާތަކުގެ މެދުވެރިއެއް ކަމަށް ކަނޑައަޅާފައިވާ އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީ އެވެ.
އޮމާންގެ ފޮރިން މިނިސްޓަރު އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްވަރާތައް އޮންނާނީ މެއި މަހުގެ 23 ވާ ހުކުރު ދުވަހު ކަމަށެވެ.
މީގެ ކުރިން އީރާނާއި އެމެރިކާއިން ވަނީ ތެހެރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އޮމާންގެ މަސްކަޓާއި އިޓަލީގެ ރޯމްގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭ ގޮތުން ނުސީދާ ކޮށް ހަތަރު ބުރުގެ މަޝްވަރާތަކެއް ބާއްވާފައެވެ.
އީރާނުން ވަނީ އެމެރިކާއިން، އީރާނަށް އަމާޒުކޮށް މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އިގްތިސާދީ ޕްރެޝަރުތައް އުވާލުމަށް އެ ޤައުމުން އަޒުމް ކަނޑައަޅާފައިވާކަން ކަށަވަރުކޮށްދީފައެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މަގްސަދުގައި އޮމާން، އީރާން އަދި އެމެރިކާ ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 12، 19 އަދި 26 ވަނަ ދުވަހު ވަނީ ތިން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
މީގެ އިތުރުން މެއި މަހުގެ 11 ވަނަ ދުވަހު އެ ދެ ޤައުމުން ވަނީ 4 ވަނަ މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައެވެ.
މަޝްވަރާތައް ކުރިއަށްދާ ގޮތާ މެދު އެމެރިކާ އަދި އިރާނުންވެސް މިހާތަނަށް ވަނީ މަޝްވަރާތައް ކުރިއަށް ދަނީ ”ޕޮޒިޓިވް“ ކޮށް ކަމަށް ބުނެފައެވެ.



