އޭޝިޔާ-ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)ގެ ގްލޯބަލް ނިއުސް ފޯރަމް ތުރުކީވިލާތުގެ އިސްތަންބޫލްގައި މިއަދު ފަށައިފިއެވެ.
މި ފޯރަމްގައި ރާއްޖޭގެ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ޕީއެސްއެމްގެ ފަރާތުން މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމީނާއި، ޑައިރެކްޓަރ އޮފް ނިއުސް ޙުސައިން އަމީނާއި، ޑައިރެކްޓަރ އޮފް މާކެޓިން، ސޭލްސް އެންޑް ކޮމިޔުނިކޭޝަން އިބްރާހިމް ރަމީޒެވެ.
އޭބީޔޫގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ނަދީމް ވިދާޅުވި ގޮތުގައި މިއަހަރުގެ ފޯރަމްގެ ޝިޢާރަކީ ”ޖާނަލިޒަމް އަންޑަރ ދި ފަޔަރ“ އެވެ. މި ޝިޢާރު ކަނޑައަޅާފައިވަނީ ފަލަސްޠީނުގެ ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ނޫސްވެރިންނަށް ކުރަމުންދާ އަނިޔާތަކަށް އަލިއަޅުވާލުމުގެ ގޮތުންނެވެ.
މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމްގައި ޚަބަރު ފެތުރުމުގައި ބޭނުންކުރާ ފަހުގެ އީޖާދުތަކާއި ކޮންޓެންޓް ޖެނެރޭޓުކުރާ އާޓިފިޝަލް އިންޓަލެޖެންސްގެ އީޖާދުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ފޯރަމްގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ޓާކިޝް ރޭޑިއޯ އެންޑް ޓެލެވިޜަން ކޯޕަރޭޝަން (ޓީއާރުޓީ)އިންނެވެ.
1964 ވަނަ އަހަރު އުފެދުނު އޭބީޔޫއަކީ ބްރޯޑްކާސްޓިންގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.
މި ޖަމްޢިއްޔާގައި 66 ޤައުމެއްގެ 232 މެންބަރުން ހިމެނޭއިރު، އޭގެ ތެރޭގައި ޕީއެސްއެމްވެސް ހިމެނެއެވެ.



