ޣައްޒާއަށް އެހީގެ ޑެލިވަރީތައް ފަށާފައިވީ ނަމަވެސް އާންމުންނާ ހަމައަށް އެ އެހީތައް ފޯރުކޮށްދެވިފައި ނުވާ ކަމަށް ފަލަސްތީނުގެ ރެޑްކްރެސެންޓުން ބުނެފިއެވެ.
އެހީދޭ ޖަމާއަތްތަަކުގެ ޓްރަކްތައް ޣައްޒާއަށް އެތެރެވުމުގެ ހުއްދަ އިސްރާއީލުން ދިނުމުން ބައެއް އެހީތައް ދަނީ ޣައްޒާއަށް ވަންނަމުންނެވެ.
އދ.ގެ އެހީގެ ޓްރަކްތަކަށް ޣައްޒާއަށް އެތެރެވުމުގެ ހުއްދަ އިސްރާއީލުން ދީފައިވާ ކަމަށް ބުނުމާއެކު ޣައްޒާގައި ތިބި ފަލަސްތީނު ރައްޔިތުން ތިބީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުގެ އިންތިޒާރުގައެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުރާސްފަތި ދުވަހު އިންޒާރު ދީފައި ވަނީ މި ހަފުތާގައި ޣައްޒާއަށް ހުއްދަ ދީފައިވާ އެހީގެ ޓްރަކްތައް އަދިވެސް އާންމުންނާ ހަމައަށް ޑެލިވަރީ ކޮށްދެވިފައި ނުވާ ކަމަށެވެ.
އެހީ ދިނުން ހުއްޓިފައި އޮތުމުގެ ސަބަބުން، ފޭރުމާއި، ހަމަނުޖެހުން އިތުރުވެދާނެކަމުގެ ކަންބޮޑުވުން ފަލަސްތީނުގެ ރެޑްކްރެސެންޓުން ވަނީ ފާޅުކޮށްފައެވެ.
ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސް ވަންދެން ކާބޯތަކެއްޗާއި ޒަރޫރީ ސާމާނާއެކު ޣައްޒާއަށް އެތެރެވަމުން އަންނަ އެހީދޭ ޖަމާއަތްތަކުގެ ޓްރަކްތައް އެތެރެވުން މަނާކުރުމަށްފަހު އިސްރާއީލުން ވަނީ ފަލަސްތީނުގެ ސަރަހައްދަށް އެހީ ގެނައުމުގެ ހުއްދަ ދޭން ފަށާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް ބޯޑަރުގައި ގިނަ ޓްރަކްތަކެއް ތާށިވެފައި އޮތުމުން، ޑެލިވަރީގެ ވޮލިއުމާއި ސްޕީޑާމެދު އދ. އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އެހެންކަމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އެހީ ހޯދުމާއި ބެހުމުގައި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީގެ ރައީސް ޔޫނުސް އަލް ޚަތީބު އިއްޔެ ވިދާޅުވީ އެހީގެ ޓްރަކްތަށް އެެތެރެވުމުގެ ހުއްދަދިން ފަހުން އަދި މިހާތަނަށް އެއްވެސް އާންމު ރައްޔިތަކަށް އެއްވެސް އެއްޗެއް މިހާތަނަށް ފޯރުކޮށްދެވިފައި ނުވާކަމަށެވެ.
”އެހީގެ ގިނަ ޓްރަކްތައް އަދިވެސް ހުރީ ބޯޑަރުގައި ހުންނަ ކަރެމް ޝަލޯމްގައި“އޭނާ ވިދާޅުވިއެވެ.
އެ ޓްރަކްތައް އިންސްޕެކްޓް ކުރި ނަމަވެސް އަދިވެސް ޣައްޒާއަށް ވަނުމުގެ ހުއްދަ ދީފައި ނުވާ ކަމަށް ޔޫނުސް ވިދާޅުވި އެވެ.




