އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމުގެ މަތިން ހާވާޑް ޔުނިވަރސިޓީގައި ބޭރުގެ ދަރިވަރުން ކިޔެވުމުގެ ފުރުސަތު ބަންދުކޮށްފިއެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯއެމް އެ ޔުނިވާސިޓީއަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޔަހޫދީ ދަރިވަރުންނާއި ހަމާސްއަށް ތާއީދުކުރާ ފިކުރު ކުރިއަރުވާ، އަދި ނަސްލީ ތަފާތުކުރުންތަކުގެ ’ޑައިވަރސިޓީ، އިކުއިޓީ، އެންޑް އިންކްލޫޝަން‘ ސިޔާސަތުތައް ބޭނުންކުރާ ރައްކާތެރި ނޫން ކެމްޕަސް މާހައުލެއް ދަމަހައްޓައިގެން ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމަށް އެތައް ފަހަރަކު އެދުމުން ދެކޮޅު ހެދުމުގެ ނަތީޖާއެއްގެ ގޮތުން އެ ޔުނިވާސިޓީ ޒިންމާދާރު ކުރުވަމުން ގެންދާ ކަމަށެވެ.
ހަމައެހެންމެ ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަނުން ހާވާޑް ޖަވާބުދާރީ ކުރުވަނީ އެ ކެމްޕަހުގައި އަނިޔާވެރިކަމާއި، ޔަހޫދީންނަށް ދެކޮޅު ހަރަކާތްތައް ހިންގުމާއި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ގުޅިގެން މަސައްކަތްކުރުމުގެ ސަބަބުންކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.
އަދި ހާވާޑް ޔުނިވާސިޓީއަށް ބިދޭސީ ދަރިވަރުން ރަޖިސްޓްރީ ކުރުން މަނާކޮށްފައިވާ ކަމަށާއި އެ ޔުނިވާސިޓީގައި ކިޔަވާ ބައިނަލްއަގުވާމީ ދަރިވަރުން އެހެން މުއައްސަސާއަކަށް ބަދަލުވާން ޖެހޭނެކަމަށްވެސް ނޯއެމްގެ އެ ސިޓީގައި ބުނެފައި ވެއެވެ.
ނޯއެމްގެ އެ ސިޓީގައި ބުނީ ހާވާޑްއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ ”މުޅި ގައުމުގެ ހުރިހާ ޔުނިވާސިޓީތަކަށާއި ތައުލީމީ މުއައްސަސާތަކަށް އިންޒާރެއްގެ ގޮތުގައި“ ވާންޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ.
އެމެރިކާ ސަރުކާރުގެ އެ ތުހުމަތުތަކާ ހާވާޑް ޔުނިވާސިޓީން ވަނީ ދެކޮޅު ހަދައި، ބިދޭސީ ދަރިވަރުންނަށް ތާއީދުކުރާނެ ކަމަށް ބުނެފައެވެ.
”ސަރުކާރުގެ އަމަލަކީ ގާނޫނާ ހިލާފު އަމަލެއް،“ ހާވާޑް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މީގެ އިތުރުން މި ބަދަލުހިފުމުގެ އަމަލަކީ ހާވާޑް ކޮމިއުނިޓީއަށާއި ހާވާޑްގެ އެކަޑަމިކް އަދި ރިސާޗް މިޝަނަށް ގެއްލުންވާނެ ކަމެއް ކަމަށް އެ ޔުނިވަސިޓީން ބުނެފައިވެއެވެ.



